ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕަރާ ހިޒް މެޖެސްޓީ ނަރުހީތޯ އަދި ބޮޑުވަޒީރު ހާ އެކްސެލެންސީ ސަނާނޭ ތަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ތަހުނިޔާ މެސެޖުގައިވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، ތަހުނިޔާ ވިދާޅުވެފައެވެ. އަދި ފާއިތުވެ ދިޔަ ފަންސާސް އަހަރުގެ ތެރޭގައި، ދެ ގައުމުގެ މެދުގައި، އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ތަރައްގީއަށް، ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެ ގައުމުގެ މެދުގައިވާ ގާތްގުޅުން، ކުރިޔަށް އޮތް ތާގައިވެސް އިތުރަށް ބަދަހިވެގެން ދިޔުމަށާއި، މިގުޅުމުގެ ޒަރީއާއިން ދެ ގައުމަށާއި، ރައްޔިތުންނަށް އިތުރު ތަރައްގީއާ ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޖަޕާނުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި މެސެޖުގައި، ދެ ގައުމުގެ މެދުގައި އުފެދިފައިވާ، ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިގުޅުން ބިނާވެފައިވަނީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ތެރެއިންކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރާ ދަތުރުގައި، ޖަޕާނުން ވެދެއްވާފައިވާ، އަގު ނުކުރެވޭ ފަދަ އެހީތެރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ގުޅުން ކުރިޔަށް އޮތް ދުވަސް ތަކުގައި އިތުރަށް ކުރިއަރައި، ހަރުދަނާވެގެން ދިޔުމަށާއި، މި ރަޙްމަތްތެރިކަމުގެ އެހީގައި، ދެ ގައުމުގެ ކުރިއެރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ވަނީ ޖަޕާނުގެ އެމްޕަރާ އާއި ބޮޑު ވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގެންފައެވެ.





