ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކަމަށްވާއިރު، މެޗު ފެށުމުގެ ކުރިން ރައީސް ވަނީ ދެ ޓީމާއި، މެޗުގެ އޮފިޝަލުންނާ ސަލާމްކުރައްވާފައިވެއެވެ. އަދި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު މި މެޗު، 5-6 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ޗެމްޕިއަން ޓީމަށް، ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބް ވާދަކުރި ފައިނަލް މެޗު 1-1 ދެ ޓީމް އެއްވަރުވެގެން ފުރިހަމަ ވަގުތުގެ ކުޅުންހަމަވިއިރު މުބާރާތުގެ ޗެމްޕިއަންޓީމް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މާޒިޔާގެ މައްޗަށް ކުރި ހޯދާ އޮޑި ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.
ޕްރެޒިޑެންޓްސް ކަޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ، މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައިކަން ފާހަގަކުރެވެއެވެ.




