- އިސްތިހާރު -spot_img

މެދުއިރުމަތީގެ ހަނގުރާމައިން ރައްޔިތުންނަށް ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާނެ: ވުޒާރާ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ސަޕްލައި ޗެއިނަށް ދިމާވެދާނެ ގޮންޖެހުންތައް މޮނީޓާކޮށް ރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ވުޒާރާއިން ދައުލަތުގެ ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކާއެކު ދަނީ އެ ސަރަހައްދުގެ މަސްރަހުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނީޓާކޮށް ބަަލަމުން ކަމަށާއި. ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް އެ ވުޒާރާއިން ދަނީ ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުން ކަމަށެވެ.

ހަމައެހެންމެ ރާއްޖެއަށް އާއްމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓާނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ކުރަމުންދާ ކަމަށް ބުންޏެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސި މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި، ރާއްޖެއަށް ބޭނުންވާ މުހިއްމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އިމްޕޯޓް ކުރުމުގެ ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އެ ވުޒާރާއިން ދީފައިވެއެވެ.

އެ ވުޒާރާއިން ބުނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކާއެކު ލިބޭނެ މަގު ފަހިކޮށްދިިނުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި