ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ، އަލަށް ކީރިތި ގުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ޙާފިޡުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ގުރުއާން ހިތުދަސްކޮށް، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުތުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ޙާފިޡުންނެވެ. މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ޙާފިޡުންނާއި، ފިރިހެން 12 ޙާފިޡުން ހިމެނޭއިރު 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ޙާފިޡުންނާއި، 21 އަހަރުން މަތީގެ 8 ޙާފިޡުން އޭގެ ތެރޭގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، އިތުރު 18 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މިއީ 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ކީރިތި ގުރުއާން ހިތުދަސްކޮށް، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިހާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ހާސިލުކޮށްފައިވާ ޙާފިޡުންކަން ފާހަގަކުރެވެއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޙާފިޡުކަމުގެ އިމްތިޙާނު ހަދައި، ދަސްވެނިވާ އަހަރު ކަމަށެވެ. 26 ފެބުރުވަރީ 2026 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ތިބީ 139 އަންހެން ޙާފިޡުންނާއި، 162 ފިރިހެން ޙާފިޡުންކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ސަރުކާރުގެ ދުރު ރާސްތާ އަމާޒަކީ، އާބާދީގެ ނިސްބަތުން އެންމެ ޙާފިޡުން ގިނަ އިސްލާމީ ގައުމަށް ދިވެހިރާއްޖެ ހެދުން ކަމަށާއި، ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް 2025 ވަނަ އަހަރު 19 މިލިޔަން ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރެއްވުން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިގޮތުން، 2026 ވަނަ އަހަރު މި ފަދަ 50 ގޮފި ގާއިމުކުރައްވާނޭ ކަމަށެވެ. އަދި މި އަހަރު މިހާތަނަށް، މި ފަދަ ހަ ގޮތްޕެއް ރަޖިސްޓާ ކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.





