އެކި މައްސަލަތަކާ ގުޅިގެން އދ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ އިއްޔެ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފައި ވަނީ 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރާ ކަމަށެވެ. އަދި ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިދިޔަ މަހު 18 ވަނަ ދުވަހު ފުލުހުން ވަނީ އެކި މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް ނައްތާލައިފަ އެވެ. ފުލުހުން ބުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރު ކަމަށާއި، މި ތަކެއްޗަކީ 2025 ޑިސެމްބަރު 31 އިން 2026 ފެބުރުވަރީ 15 އަށް، ދާލު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްތި ކަމަށެވެ.





