’އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް‘ ގްރޫޕުން 110 މީހަކު އުމްރާއަށް ގެންދަން އިންތިޒާމުކުރި ދަތުރު، ފަހު ވަގުތު ކެންސަލް ކުރި މައްސަލައިގައި އެ ކުންފުނީގެ އުމްރާއަށް ގެންދިއުމާއިބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުނިން މި މަހު 3 ވަނަ ދުވަހުން ފެށިގެން މި މަހު 26 ގެ ނިޔަލަށް (ރަމަޟާން އުމްރާ) ކުރުމަށް ހަމަޖައްސާފައިވާ އުމްރާ ދަތުރަށް ސައުދީ އަރަބިއްޔާއަށް ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެ ދަތުރު ކެންސަލް ކޮށްފައިވާ ކަމުގެ ޝަކުވާ އެ ވުޒާރާއަށް ލިބިފައިވާތީ، އެ މައްސަލާގައި ވުޒާރާއިން މިހާތަނަށް ސާފުކުރި މައުލޫމާތުތަކަށް ބަލާއިރު އެ ކުންފުން އެ މުއްދަތުގައި ކުރަން އޮތް އުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި އަދި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއިބެހޭ އުސޫލާއި ހިލާފަށް ކަމަށެވެ.
އެ ސަބަބަށްޓަކައި އެ ކުންފުންޏަށް ދޫކުރެވިފައިވާ، ދިިވެހިރާއްޖެއިން މީހުން އުމްރާއަސް ގެންދިއުމާބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި އެކަން އެކުންފުންޏަށް އަންގާފައިވާނެ ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ މި ކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ.
ވުޒާރާއިން ބުނީ މި މައްސަލައާއި ގުޅިގެން އެ ކުންފުނީގެ އުމްރާވެރިންގެ ތެރެއިން މިހާތަނަށް އުމްރާގެ އަޅުކަމަށް ނުފުރިތިބި އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ގޮތްތަކަކި ކޮބައިތޯ ބަލައި އެ ހިދުމަތްތައް ފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
އަލް އަބްރާރު ގުރޫޕުން 110 މީހުން އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު ކަމަށްވާއިރު އެ ދަތުރަށް ކޮންމެ މީހަކު ގާތްގަނޑަކަށް 45،000 ރުފިޔާ ދައްކައިފައިވެއެވެ. އަދި ފުރުން ކުއްލިއަކަށް ކެންސަލްކޮށްފައިވާއިރު ދަތުރު ކެންސަލްކުރީ ފުރަން އޮތް ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވައި، ސަރަހައްދީ މަޝްރަހު އޮތް ގޮތުން ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށް ބުނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.





