- އިސްތިހާރު -spot_img

”އިދިކޮޅުން ދައްކާ ވާހަކަތަކުންވެސް އެބަ އެނގޭ އެބޭފުޅުން ހޮވިއްޖެނަމަ ސަރުކާރަށް އެއްބާރުލުން ނުދޭނެކަން“

ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޖާގަ ދިން ނަމަވެސް ތަރައްގީއަށް ހުރަސް ނޭޅޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކުންވެސް، އެބޭފުޅުން ހޮވިއްޖެނަމަ ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ރަށްރަށުގައި އޮންނަ ކައުންސިލުތަކުން އޭރަކު އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، ވާދަވެރިން މިއަދު އުފައްދާ ސުވާލަކީ އެ މީހުންނަށް ކައުންސިލު ގޮނޑިތައް ލިބުނުނަމަވެސް ސަރުކާރުގެ ތަރައްގީއަށް ހުރަސް ނޭޅޭނެ ކަމުގެ ވާހަކަތައް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

”ވާދަވެރިން އެބަ ބުނޭ މިހާތަނަށް ވެސް ކޮބާހޭ ކުރި އުނދަގުލަކީ. ނުނީ މާދާމާ ތިމަންނާމެން އިންތިހާބު ކޮށްގެން ކޮބާހޭ ކުރާނެ އުނދަގުލަކީ. ދަންނަވާލަން ބޭނުންވަނީ މިއަދު އެބޭފުޅުން ޕޯޑިއަމް ތަކުގައި އެވާހަކަ ދައްކަނީ ސަރުކާރަށް އެއްބާރުލުން ދީގެންތޯ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށްގެންތޯ. ނުވަތަ ރައީސް ނިންމަވާ ނިންމެވުންތަކަށް ފުރިހަމައަށް ތާއީދުކޮށްގެން ސަރުކާރަށް އެއްބާރުލުން ދޭން ރައްޔިތުންނަށް ހެޔޮ ވިސްނުން އިސްކުރުމަށް ބާރު އަޅަމުންތޯއޭ މިއަދު ކެމްޕެއިން ކުރައްވަނީއެ. މީގެންވެސް ދޭހަވޭ އެއިން ބޭފުޅަކު އިންތިހާބުވެއްޖެނަމަ ސަރުކާރާ ދެކޮޅަށްކަން މަސައްކަތް ކުރައްވާނީ.“ ނާއިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގައިވެސް އިދިކޮޅުން މަސައްކަތް ކުރަނީ މިފަދައިން ކަމަށާއި، އިދިކޮޅު ފަރާތްތަކުގެ އަމަލާއި ބަސް ދިމާނުވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ އިންތިހާބުތައް އެއްކޮށްލުމަށް ގޮވާލުމަށް ފަހު މިއަދު އެކަމާ ދެކޮޅު ހެދުން އެއީ އަމަލާއި ބަސް ދިމާ ނުވާކަމުގެ ހެއްކެެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ އެއްކޮށް ބާއްވަންޖެހޭ އިންތިހާބެެއް ކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އެކި ”ރާގު ރާގުގައި“ ވާހަކަ ދައްކަވާފައިވާ ކަމަށާއި، މިއީ ދިވެހިންގެ ހަނދާނުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ބަޔަކު އިންތިހާބުކޮށްފި ނަމަ، ރަށްރަށަށް ތަރައްގީ ގެނެވޭނެތޯ ރައްޔިތުން ވިސްނަންވާނެކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި