މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ”އިގްރައުލް ގުރުއާން 1447“ މުބާރާތް އެ ކޮމިޝަނުގައި ބާއްވައިފިއެވެ.
މި މުބާރާތަކީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާން މަހަކު މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި އެކި އުމުރު ފުރާއިން 5 ކެޓަގަރީއަކުން ޖުމްލަ 42 ކުދީން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ މަގުސަދަކީ، މޭލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނާ މެދު ލޯބި އުފައްދާ، ތަޖުވީދުމަގުން ގުރުއާން ކިޔެވުމަށް ބާރުއަޅައި، ދިރިއުޅުމުގައި ގުރުއާނުގެ މުހިންމުކަން އަންގައިދީ ހަނދާން ކޮށްދިނުން ކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ. އަދި މުބާރާތުގެ ބައިވެރިންނާއި އަދި ބެލެނިވެރިންނާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ މުބާރާތުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް މަރްހަބާ ދަންނަވައި، މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ހިތްވަރުވެސް ދެއްވާފައެވެ.
އެކަމަނާ ވިދާޅުވީ ކާމިޔާބީއަކީ ހަމައެކަނި ލިބޭ މެޑެއްޔެއް ނޫންކަމާއި އަސްލު ކާމިޔާބީ އަކީ ކީރިތި ގުރުއާނާ ގާތްވުމަށް ދަރިވަރުން ކުރެއްވި މުހިންމު މަސައަކަތް ކަމަށެވެ. ސަފީރު ވިދާޅުވީ ދިވެހިރާއްޖެއާ ދުރުގައި، ބޭރު ގައުމެއްގައި ދިރިއުޅޭއިރު، ދިވެހީންގެ ދީނީ ސަގާފަތް ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، ހާއްސަކޮށް ކީރިތި ގުރުއާނަކީ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައިވެސް މަގުދައްކައިދޭ ނޫރު ކަމަށެވެ. އަދި އިންސާނުންގެ އީމާންތެރިކަން ވަރުގަދަކޮށްދީ، ރަނގަޅު މަގުގައި ސާބިތުކަމާއެކު ތިބުމަށްޓަކައި ކީރިތި ގުރުއާނުގައި ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި، ހާއްްސަކޮށް ބަރަކާތްތެރި ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރުކަން ހަނދާންކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ބަރަކާތްތެރި މައްސަރުގައި ގުރުއާން ކިޔެވުމާއި، އޭގެ މާނަ ދެނެގަތުމަށް އިތުރު ވަގުތު ހުސްކުރުމަކީ ރޫޙާނީ ދިރުން އިތުރުކޮށްދޭނެ ކަމެއް ކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި ހައިކޮމިޝަނުން އިންތިޒާމްކޮށްގެ ބާއްވަން ފެށުނު މި ގުރުއާން މުބާރާތް ފެށި ފަހުން އަހަރަކަށްފަހު އަހަރެއް މި މުބާރާތުގައި ބައިވެރިވާ ކުދީންގެ އަދަދު ގިނަވަމުންދާކަން ކަން ފާހަގަކުރައްވާ އެކަމަނާ ވަނީ އެކަމަށްޓަކައި ބެލެނިވެރީންނަށް ޝުކުރު އަދާކޮށް، ދަރިންނަށް ދީނީ ތަރުބިއްޔަތު ދިނުމަކީ މުޅި މުޖުތަމައަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް ގުރުއާން ކިޔަވައި ދިނުމަކީ ހައިކޮމިޝަނުގެ ފަރާތުން ވަރަށް މުހިންމުކަމަށް ދެކޭ ކަމެއް ކަމަށާއި، މިގޮތުން، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އޮންލައިކޮށް ކިޔަވައިދެމުން އައި ގުރުއާން ކްލާހަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބަދަލުގެނެވި، މިހާރު އެކްލާސްތައް ހައިކޮމިޝަނުގެ ދަށުން ގާއިމް ކުރެވިފައިވާ މޯލްޑިވްސް ސެންޓަރުން ސީދާ ބަލަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މިފަހަރުގެ މުބާރާތުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ އެހެން އަހަރުތަކުގައި ބާއްވަމުން އަންނަ ގުރުއާން މުބަރާތާ ތަފާތުކޮށް، ޒަމާނަށް އައިސްފައިވާ ހެޔޮ ބަދަލާއެކު ޓެކްނޮލޮޖީގެ އެހީ ބޭނުންކޮށްގެން ކަމަށްވާއިރު ”ހާއްސަ ކެޓަގަރީގެ“ ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުރިއަށް އޮންނަ މުބާރާތްތަކުގައިވެސް މި ކެޓަގަރީ ހިމެނިގެންދާނެ ކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ.
މި މުބާރާތް އިންސާފްކޮށްދެއްވީ މެލޭޝިޔާގައި ދިރިއުޅޭ ކޮމިއުނިޓީގެ ފަރާތުން 2 ބޭފުޅެކެވެ. މީގެ އިތުރުން، މެލެޝިޔާގެ އިންޓާނޭޝަމަލް އިސްލާމިކް ޔުނިވާރސިޓީ (އައިއައިޔޫއެމް) ގެ ފަރާތުން ހާއްސަ އޮބްޒާވަރެއް މި މުބާރާތުގައި ބައިވެރިވެފައިވާއިރު މި މުބާރާތުގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ޓްރޮފީ، މެޑަލް އަދި ސެޓްފިކެޓް ހަވާލުކުރެވިފައިވެއެވެ.




