ހަތްދިހަ ދެ ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
މިކަމަށްޓަކައި އިއްޔެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސާ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމްއެވެ. އަދި މި ރަސްމިއްޔާތުގައި އަބްދުﷲ އިބްރާހީމް ވަނީ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނާއި އަދި މުދައްރިބުންނާ މުހށތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެމަނިކުފާނު ވަނީ ސިފަވަންތަ ހަރުދަނާ ސޯލްޖަރުންގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލުތިމާސް ކުރައްވާފައެވެ. އަދި މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދިނުމާއި، ދަރިވަރުންނަށް އިގުރާރު ލައިދެއްވާ އަދި މުދައްރިބުންނަށް ވައުދު ލައިދެއްވީ ފަސްޓް ލެފްޓިނެންޓް އަސްލަމް އަތޯ މުހައްމަދުއެވެ. މި ކޯހުގައި 146 ދަރިވަރުން ހިމެނޭ އިރު އޭގެ ތެރޭގައި 22 އަންހެން ދަރިވަރުން ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑާ، ކާނަލް މުހައްމަދު ޖަމްޝާދު އާއި، ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑާ، ލެފްޓިނެންޓް ކާނަލް މުހައްމަދު ނިލާމާއި، އެ އޭރިއާ ކޮމާންޑުގެ ކޮމާންޑް ސާޖަންޓް މޭޖާ، ކޮމާންޑް ސާޖަންޓް މޭޖާ ނާޒިމް މުހައްމަދުގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެފައިވެއެވެ.





