- އިސްތިހާރު -spot_img

ދެ އިންތިހާބު އެއްކޮށްބާއްވަން މާ ލަސްވެސްވެއްޖެ: ގާސިމް

ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެ ހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަގީގަތެއްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ.

”އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާފަރާތަށް މި ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ. އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައި ވެއެވެ.“ ގާސިމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމަށް ދެކެވަޑައިގަންނަވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުން ގެންނެވި މި އިސްލާހު ރައީސް ތަސްދީގު ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުން ކަމަށެވެ. އަދި އެޕްރީލް މަހު، އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ ”ފެންނަނު ފެންނަ“ ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް ”ފެންނަ“ ކަމަށް ވޯޓު ދެއްވުން ކަމަށް ފެނިވަޑައިގަންނަވާކަން ހާމަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، ރައްޔިތުން މަޖިލީސް އިންތިހާބު ބޭއްވުމުން ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ފައިދާ ބޮޑު ކަމަށެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަ ފައިސާ ސަލާމަތްކުރެވުމާއި، އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުން ކުރުމަށް ފުރުސަތު ލިބި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުން ހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައްވެސް ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި