ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފުލުހުން ބުނީ މި އެއްބަސްވުން ތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އެއްބަސްވުން ތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
ފުލުހުން ބުނީ މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތް ކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެއް ކަމަށާއި، ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު އަލީ ވަސީއު ކަމަށެވެ.
މީގެ އިތުރުން ދެވަނަ އެއްބަސްވުމަކީ ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެއް ކަމަށްވާއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު ސައުދުﷲ ހިލްމީ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅު ތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެއް ކަމަށް ފުލުހުން ބުންޏެވެ.





