- އިސްތިހާރު -spot_img

ކޮމަންވެލްތުން އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ކުރިއެރުމަށް: ރައީސް

މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިން) ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސުލްހަމަސަލަސްކަން ދެމެހެއްޓުމާއި، ހެޔޮވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭ ދިރިހުރި މިސާލެއްގެ ގޮތުގައި ކޮމަންވެލްތު އަބަދުވެސް ދެމި އޮންނަ ކަމަށެވެ. އަދި މި އަހަރުގެ ޝިއާރު ކަމުގައިވާ ”ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުން ހިފުން“ މި ޝިއާރަށް އިޝާރާތް ކުރައްވަމުން، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ މި ޝިއާރު ރަމްޒު ކޮށްދެނީ، ކޮމަންވެލްތަކީ އޭގެ މަގުސަދުތައް ހާސިލުކުރެވޭ ފަދަ އެއްބައިވަންތަކަމާއި ބައިވެރިވުން ވަރުގަދަ ޖަމާއަތެއްގެ ގޮތުގައި ދެމި އޮތުމުގެ ރޫހު ކަމަށެވެ.

ހަމަމިއާއެކު، މި އަހަރުގެ ޝިއާރު ބިނާވެފައިވަނީ ރާއްޖެއިން ގައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށާއި، މީގެ ތެރޭގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވެ ވިލުންތެރި ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުންގެ ހަރަކާތްތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުމުގެ އިތުރުން، މިކަންކަމުގެ ފައިދާ ހުރިހާ މުޖުތަމައުތަކަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވީތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވަނީ ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ މުނާސަބަތަށް އަލިއަޅުވާލައްވާ އެ ޖަމުއިއްޔާގެ ތެރެއިން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރު ކުރައްވާ، ގައުމެއްގެ ކުޑަ ބޮޑު މިނަށް ބެލުމެއް ނެތި، ހުރިހާ ގައުމަކަށްވެސް ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

މި އަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ، ގައުމުތަކުގެ މެދުގައި އޮތް ގުޅުންތަކާއި، ވެފައިވާ އެއްބަސްވުންތައް ތާޒާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ އާއިލާއަށް ފައިދާ ހުރި، ހަރުދަނާ ނަތީޖާތަކެއް ހާސިލުކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި، ދިވެހިރާއްޖެއިން އަމަލީ ގޮތުން ބައިވެރިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި