ދިވެހި ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިފާއީ ވުޒާރާއިން ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ މީހުންނަށް ކަމަށްވާއިރު، އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ހިދުމަތުގައި ބައިވެރިކުރެވޭނީ، މި ހިދުމަތުގައި ބައިވެރިވުމާއި މެދު އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގައިވާނަމައެވެ.
މިޕްރޮގްރާމް ކުރިއަށްގެންދަނީ ތިން މަސް ދުވަހަށް ކަމަށްވާއިރު ތިން ވަނަ ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހު ހަފްތާގައިކަމަށް ދިފާއީ ވުޒާރާއިން ބުންޏެވެ. އަދި އެހެން ތަމްރީން ޕްރޮގްރާމްތަކެކޭ އެއް ފަދައިން މި ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓާ، ޅ. މާފިލާފުށީގައެވެ. ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިން އަދި މެޑިކަލް ސްކްރީނިން ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެ ފަރާތްތައް މި ހިދުމަތަށް އެންރޯލް ކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބަންދު ނޫން ދުވަސް ތަކުގައި ރަސްމީ ގަޑީގައި ދިފާއީ ވުޒާރާއާ ހުށަހެޅުމަށް ހުޅުވާލާފައިވެއެވެ. އަދި އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހާހަމައަށެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި، ގައުމީ ރޫޙާއި އިސްލާމީ އަހުލާގު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ޕްރޮގްރާމެއް ކަމަށްވާއިރު މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ތެރޭގައި އިތުރު 1,000 ޒުވާނުންނަށް ދިވެހި ވަތަނީ ހަރަކާތުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދާދިނުމެވެ.
ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ގައުމަށް ހިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމަށް ފެއްޓެވި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންއަކީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކުރަންޖެހޭ ތަމްރީނެކެވެ.





