އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، އީދު އުފާ ފާހަގަކުރުމުގެ ގޮތުން، ކުރީ އަަހަރުތަކެކޭ އެއްފަދައިން “އީދު ހަވީރު 1447“ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާގޮތަށް އެމްއެންޑީއެފްއިން ނިންމަވައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހުން ފެށިގެން ތިން ދުވަހު “އީދު ހަވީރު 1447“ އޮންނާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މި ހަވީރުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެއިދާރާއިން ބުނީ މި ހަވީރުގެ ހަރަކާތްތައް ފެށިގެންދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކަމަށެވެ. އަދި އީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުޙީބަށް ބަލައި މިފަހަރު މި ހަވީރު ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް ކަމަށާއި، މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް ފިތުރު އީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން ކުރިއަށްދާއިރު ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން ކަމަށާއި، ”އީދު ހަވީރު 1447“ ގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަން ތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްއީ އާއި، ވެމްކޯ އާއި އެމްޕީއެލް އާއި އެޗްޑީސީ އާއި އެސްޓީއޯ އާއި އެމްއޭސީއެލް އާއި އާރުޑީސީ އާއި އެމްޓީސީސީގެ އިތުރުން މިފްކޯ ހިމެނެއެވެ.





