ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ތާއީދު އޮތް ކަމަށް ބުނެފިއެވެ.
ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް އަންނަ މަހުގެ 4 ވާ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅޭގޮތުން އެ ޕާޓީން ނިންމި ނިންމާއި ގުޅޭގޮތުން އެ ޕާޓީ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކުއެކީގައި ކުރިއަށްގެންދާ ހިޔާލު ހޯދުމުގެ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ސުލްހަ މަސަލަސްކަމަށް ރިއާޔަތްކުރާއިރު ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި އެ ޕާޓީން ދެކޭ ކަމަށްވެސް ބުންޏެވެ.
އެ ޕާޓީގެ ރައީސް އޮނަރަބަލް އަހުމަދު ޝިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި މަގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަބަދުވެސް އިސްކަންދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހި ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެ ޕާޓީން ބުނީ އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށާއި، ދަރަނި މެނޭޖްކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ސަރުކާރުން ބުނާ ބުނުމަށްވެސް އެ ޕާޓީން އިއުތިރާފުވެފައިވާއިރު އެހެންކަމުން މިއީ އިގްތިސާދީ ދެމެހެއްޓެނިވި ކަމަށާއި، ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިއްމު ފިޔަވަޅަކަށް ވާތީ އެ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އެ ޕާޓީން މަރުހާބާ ކިޔާ ކަމަށެވެ.
ހަމައެއާއިއެކު ހަރަދު ތައް ކުޑަކޮށް އިގްތިސާދު ވަރުގަދަކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ޕާޓީގެ ބަޔާނުގައި ގޮވާލާފައިވާއިރު އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ކުރުމުގައި ކަމަށާއި، ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ކުރިމަގުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތް ތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް އެ ޕާޓީން އަރުވާފައިވެއެވެ.





