- އިސްތިހާރު -spot_img

ދިވެހި ފުލުހުން ބައިވެރިވާ އޮޕަރޭޝަން ފްރޮންޓިއާ ރަސްމީކޮށް ފަށައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން ”އޮޕަރޭޝަން ފްރޮންޓިއާ+ III“ ރަސްމީކޮށް މިދިޔަ އަންގާރަ ދުވަހު ފަށައިފިއެވެ.

ފުލުހުން އިއްޔެ ބުނީ މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ކަމަށެވެ. އަދި މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފްރޮންޓިއާ+ އެލަޔަންސްގައި 13 ގައުމެއް ހިމެނޭއިރު މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑުކަން ފާހަގަކުރެވެއެވެ.

މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި، ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުން ކަމަށްވާއިރު މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ހަތަރު އަސާސެއްގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. އެއީ، ވަގުތުން ފިޔަވަޅު އެޅުމާއި ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާއި މަނީ މިއުލްސް ދެނެގަނެ ފައިސާގެ މުއާމަލާތުތައް ވަގުތުން ހުއްޓުވުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި އަލަށް އުފެދޭ ސްކޭމް އުކުޅުތަކާއި ނެޓްވޯކްތަކުގެ މައުލޫމާތު ގައުމުތަކުގެ މެދުގައި ރިއަލް-ޓައިމްކޮށް ބަދަލުކުރުމާއި، ޑޭޓާގެ އަލީގައި މަސައްކަތްކުރުމާއި ސްކޭމްތަކުގެ ފަރުމާ ދެނެގަތުމާއި ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުން ކަމަށްވސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިން އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ  މެއި 7 އަށް ކަމަށްވާއިރު މި މުއްދަތުގައި ހުރިހާ ގައުމަކުންވެސް ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަންގެ ނަތީޖާ ހުށަހަޅާނީ މެއި 13 ވަނަ ދުވަހު ކަމަށާއި، މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 20 ވަނަ ދުވަހު ދިވެހި ރާއްޖޭގައިކަންވެސް ފާހަގަކުރެވެއެވެ. އަދި މި ބްރީފިންގައި، އެލަޔަންސްގައި ހިމެނޭ ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް މުޅި ދުނިޔެއަށް ހާމަކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޮޕަރޭޝަނާއެކު މި މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި