މޯލްޑިވިއަނުން މާލެ އާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަންއިން ރޭ ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހު ކަމަށާއި، ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތުތަކުގައި ޑާކާއަށް ފޯރާ ގޮތަށް ކަމަށެވެ. އަދި މީގެ ސަބަބުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
ހަމައެހެންމެ ބަންގްލަދޭޝަށް ދަތުރުތައް އަލުން ފަށާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ. އަދި މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައިވެއެވެ.





