ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫއުއަކީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު މި މަޝްރޫޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން، އެ ރަށުން 25 ހެކްޓަރުގެ ބިން ހިއްކަވައި ދެއްވާނެ ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ނުހުއްޓި އަވަސް ފުރުސަތެއްގައި ނިންމަވާ ދެއްވާނެ ކަމަށެވެ.
މި މަޝްރޫއުިގެ މަސައްކަތް ނިމުމާއެކު، ވޭމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެކަން ފާހަގަކުރެވެއެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން އެއް ވައުދުފުޅެކެވެ.





