ވަރަށް އަވަސް ފުރުސަތެއްގައި މުޅި ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް އިލެކްޓްރިކް އުޅަނދު ނުވަތަ ތިމާވެއްޓާއި ރައްޓެހި އުޅަނދު ތަކުގައި ފެހި ކުލައިގެ ނަމްބަރު ބޯޑު ހަރުކުރާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ އިލެކްޓްރިކް އުޅަނދު ނުވަތަ ތިމާވެއްޓާއި ރައްޓެހި އުޅަނދު ތަކުގައި ވަރަށް އަވަހަށް ފެހި ކުލައިގެ ނަމްބަރު ބޯޑު ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މިކަން ކުރުމަށް ނިންމާފައިވަނީ އިލެކްޓްރިކް އުޅަނދު ނުވަތަ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ފަސޭހައިން ދެނެ ގަނެވޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ތިމާވެއްޓައި ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި އެއްގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް 29 ދެއްވާފައިވާ ޔަގީންކަމާއި އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިފަދަ އުޅަނދުތަކުގައި ހަރުކުރާނެ ނަމްބަރު ބޯޑުތަކުގެ ތަފްސީލުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އަލަށް ތަޢާރަފް ކުރާ ”އީވީ ޕްލޭޓްސް“ ނުވަތަ ތިމަވެއްޓައި ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނާނީ ފެހި ކުލައިގެން ބޯޑެއްގައި ރީނދޫ ކުލައިގެ ލިއުމަކުންނެވެ. އަދި އަމިއްލަ އުޅަނދު ތަކުގައި ބޭނުން ކުރަނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ ލިއުމަކުންކަން ފާހަގަކުރެވެއެވެ.




