މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ހަރަދު ކުޑަކުރުމުގެ ގޮތުން މިފަހަރު އީދު ބޮކި ދިއްލާނީ ފަސް ސިޓީއެއްގައި އެކަނި ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަނގުރާމަ ދިގުލައިގެންދާތީ އޭގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ހައްލުތައް ހޯދުމަށް ދިވެހި ސަރުކާރުން އެކުލަވާލި ކެބިނެޓްގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިޔަކު ވަނީ ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް ނާޅާތީ، ހާއްސަކޮށް އީދުގައި ބޮޑު ހަރަދުކޮށްގެން ކުލަގަދަ ބޮކި ދިއްލުމާއި ގުޅޭގޮތުން ސުވަލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ކެބިނެޓުން މި ފަހަރުގެ އީދުގައި ފަސް ސިޓީއެއްގެ ކަނޑައެޅޭ ވަކި ސަރަހައްދު ތަކެއްގައި އެކަނި އީދު ކުލަ ބޮކި ދިއްލުމަށް ނިންމާފައިވާ ކަަމަށެވެ. އަދި ފިތުރު އީދު ދިއްލުން ރަށްރަށުގައި މި ވަގުތު ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މި ކަން ކުރިއަށް ގެންދާ ގޮތަށް. އެ ވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި. އެ ވެސް ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި.“ ވަޒީރު ވިދާޅުވިއެވެ.
އަދި ސިޓީތަކުގައިވެސް ދިއްލުންތައް ހުރިހާ ސަރަހައްދެއްގައި ނުދިއްލާނެ ކަމަށާއި، ދިއްލުން ދިއްލާނީ ވަކި ސަރަހައްދު ތަކެއްގައިކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި ކެބިނެޓްގެ ވަޒިރުން ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ސަރުކާރުގެ ތެރެއިން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަން ފާހަގަކުރައްވާފައެވެ. އަދި އެ ފިޔަވަޅުތައް އަޅައި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް މެދުނު ކެނޑި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާނެ ކަމަށްވެސް ވަޒިރުން ވަނީ ޔަގީންކަން ދެއްވާފައެވެ.
މީގެ ކުރިން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އީދު ބޮކި ދިއްލާ ކުލަ ގަދަކޮށް އީދު ފާހަގަކުރަމުންނެވެ.





