މެދުއިރުމަތީގެ އެކި ގައުމުތަކުގައި މިހާރުވެސް 75 ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އޭގެ ތެރެއިން އެންމެ ގިނަ ކުދިން ތައުލީމު ހާސިލުކުރަނީ މިސްރުގައި ކަމަށެވެ. އަދި އެ ކުދިންނާ އެންމެ ކައިރީގައި ހުރި ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީވާންވެސް އެދިފައިވާނެ ކަމަށާއި، ދަރިވަރުންނާ މުއާމަލާތް ކުރުމަށްޓަކައި ވުޒާރާއިން ހެލްޕް ލައިނެއް ގާއިމްކޮށްފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ޖޫރިމަނާއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ބައެއް ޔުނިވާސިޓީތަކުގެ ޗުއްޓީ ދުވަސްވަރު ދިނުމާ ގުޅިގެން ރާއްޖެ އަންނަން ބައެއް ދަރިވަރުން ބޭނުންވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަމަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ ހާއްސަ ކޮމިޓީ އެކުލަވާލެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. މި ހާއްސަ ކޮމިޓީއަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި، ނުވަ ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.





