- އިސްތިހާރު -spot_img

އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން: ސަލީމް

އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި، ބައެއް ރައްޔިތުންނަށް އޮޅެންވެސް އޮޅޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސަލީމް އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވޭނެ ކަމަށް އެމްޑީޕީން ބުނާއިރު އެއީ ދެ ކަރުދާސްކޮޅެއް ކަމަށާއި، އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިއަސް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. އަދި އެއް ދުވަހެއްގައި ބާއްވައިގެން ލިބޭނީ ފައިދާ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ދައުލަތަށް އޭގެން ބޮޑު މަންފާއެއް ލިބޭނެ ކަމަށެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީން ގައުމާއި ރައްޔިތުންނަށް ހެވެއް ނޭދޭނެ ކަމަށާއި، އެ ޕާޓީއަކީ ގާނޫނަކަށް ގަވާއިދަކަށް ބަލާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއިއެކު އިދިކޮޅު އެމްޑީޕިން މަސައްކަތް ކުރި އެމަނިކުފާނު އަޒުލު ކުރަންކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މަޖިލީހުގައި ރައީސް މުއިއްޒުއަށް ތާއިދު ކުރައްވާ ދެތިން ބޭފުޅަކު ތިއްބެވިއިރު އެބޭފުޅުން ގާތު އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށާއި، ރައީސް އަޒުލު ކުރަން ހުށަހެޅުމުން އެކަމަށް އިންކާރު ކުރުމުން އެމްޑީޕީއަށް އެކަން ކާމިޔާބު ނުވި ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ގެއްލުމާއެކު ރައްޔިތުން އިންތިހާބު ކުރި ސަރުކާރު ވައްޓާލަން އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަަމަށްވެސް ސަލީމް ވިދާޅުވިއެވެ.

”އެމްޑީޕީއިން ބުނަމުންދަނީ ލާމަރުކަޒީ ނިޒާމަކީ ތިމަންނާމެންގެ އެއްޗެކޭ. އެކަމު މިއީ އެއްގޮތަކަށްވެސް އެހެން އައި ކަމެއް ނޫން. މި ކަމަކީ ކުރީގެ ރައީސް މައުމޫނު އަބްދުއްގައްޔޫމްގެ ވެރިކަމުގައި އައިކަމެއް. އެންމެ ފުރަތަމަ މިކަން ކުރެއްވީ އޮނަރަބަލް އަލްއުސްތާޒު މުހައްމަދު ހަމީދު. އޭގެ ފަހުގައި އިލްޔާސް އިބްރާހީމް. އަދި އޭގެ ފަހުގައި ވަހީއްދީން މިކަން ކުރެއްވީ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ނިޒިާމު ގާއިމުކުރުމަށްޓަކައި  ބުރަ މަސައްކަތެއް ކުރެއްވީ. ފުރަތަމަ ”ލާ މަރުކަޒީ“ މިބަސްވެސް އިވިގެން ދިޔައީ ރައީސް މައުމޫނު ގެ ދޫފުޅުން. އޭގެ ކުރިން މީ ރާއްޖޭގެ މީހުން ދަންނަވެސް ނަމެއް ނޫން.“ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ޕީއެންސީގެ ކެމްޕެއިން ކަންކަމުގައި ރައީސް މުއިއްޒު ގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުޅުއްވާތީ އެކަން ފާހަގަކުރައްވާ އެކަމަނާއަށް ތައުރީފުވެސް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވޯޓް ދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ސަލީމް އެދިވަޑައިގެންފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި