ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށް އަމަލުކޮށްފައިވާނީ، ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މި ބަޔާން ނެރެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތުން އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީއެވެ.
އެ ބަޔާނުގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ކުރިއަށްދާނެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ގާނޫނު އަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 10 ވަނަ ދުވަހުގައި ފާސްކޮށްފައިވާ ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ، ދެ މަގުސަދެއް ހާސިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށާއި، އެގޮތުން، އެންމެ ފުރަތަމަ މަގުސަދަކީ، ރިޔާސީ އިންތިހާބާއި އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ދެވަނަ މަގުސަދަކީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގު ފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުސުލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރު ދުވަހަށް ވުރެ ކުރުކުރުން ކަން ފާހަގަކޮށް އެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީގުކޮށް އަމަލުކުރަން ފެށޭނެ އިސްލާހުތަކެއް ނޫން ކަމަށެވެ. އަދި އެގޮތުން، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުން ކަމަށާއި، 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިސްލާހުކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނީ، އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިސްލާހެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިކަމަށްވާނަމަ ކަމަށް ބަޔާންކޮށްފައިވާކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށާ ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށްޓަކައި، އިސްލާޙުކުރެވޭ މާއްދާއަކީ ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށޭނީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގުކުރަން ފެންނަނަމަ ކަމުގައި ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގާރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާއި، އެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާއިރު މި އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، 16 ފެބުރުވަރީ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަރާރު ނެރުއްވާފައިކަން ފާހަގަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، ”ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ މި ސުވާލު ކަމަށްވާއިރު، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިސްލާހު ކުރުމަށްޓަކައި، ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުމަށް ކަމުން އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ކަމަށްވުމުން ގާނޫނު އަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ގާނޫނު އަސާސީއަށް ގެނެވޭ އަށް ވަނަ އިސްލާހުން ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް ތައާރަފުކުރާ އުސޫލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ގާނޫނު އަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަން މިނޫން ގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޞް ވާނެ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.





