ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެގޭގައި ދިރިއުޅެމުންގެން ދިޔަ ހަތް މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ބުނީ އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގޭގެ ދެން ހުރިކޮޓަރި އާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށްވެސް އެ އޮތީރިޓީ އިން ބުނެފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ އެއޮތޯރިޓީގެ ފަރާތުން އެގޭގައި ދިރިއުޅެމުން ދިޔަ ހަތް ފަރާތްތަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
އަލިފާން ރޯވީ ހުޅުމާލެ ލޮޓްނަންބަރު 11395 އެޕާޓްމަންޓްގަ އެވެ.
މިއަދު ހެނދުނުވެސް މާލެ ސަރަހައްދުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއްވަނީ ހިނގާފައެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭގެ ގަލޮޅުގެ ހުވަފެނީ ގޯޅި ތެރޭގައި ހުރި ގެއެއްގައެވެ. އެމްއެންޑީއެފް އިން ބުނީ ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެތަނުގައި ރޯވެ ވަރަށް ބޮޑަށް އަނދަމުންދާއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެެރިވަމުންނެވެ.
އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާ ކަން ފާހަގަކުރެވެއެވެ.





