މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ.
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމުގެ ކަންކަން މި ރޭ އޮންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިމަހު 10 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައިވެއެވެ.
ޑީޖޭއޭއިން ބުނީ ކުރީ އަހަރުތަކެކޭވެސް އެއް ފަދައިން މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ކޯޓެއްގެ ގާޟީއެއްގެ ކުރިފުޅުމަތީގައި ކަމަށާއޮ، އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.
ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ބުނެފައިވާއިރު، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑީޖޭއޭ އަށް އަދި ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް ޑީޖޭއޭ އިންވަނީ އެދިފައެވެ. އަދި ހަނދު ފެނި، އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އަދި މި ނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް ބުންޏެވެ.
މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި އެ ވަގުތަކު ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއް ހުރި ރަށަކަށް ދާންޖެހޭނަމަ ނުވަތަ ހެކިބަސް އަދާކުރުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ މީހެއްގެ އައުމާއި، ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ޑީޖޭއޭ އިން ބުނެފައިވެއެވެ.





