ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ތިމާވެށީގެ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަށާ އިލެކްޓްރިކް ވެހިކަލްތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރުމަށް 60 ދުވަހުގެ މުއްދަތެއް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ދީފިއެވެ.
އެ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތައް ފާހަގަކުރުމަށްޓަކައި، މީގެ ފަހުން އެ އުޅަނދު ތަކުގައި ބޭނުން ކުރާނީ ފެހި ކުލައިގެ ނަމްބަރު ބޯޑު ކަމަށެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މިހާރު ރަޖިސްޓްރީ ކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަމްބަރު ބޯޑު، އައު ފެހި ކުލައިގެ ފޯމެޓަށް ބަދަލުކުރުމަށް ގަވާއިދު ގެޒެޓްކުރާ ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ. އަދި އިސްލާހު ކުރެވުނު ގަވާއިދުގެ ދަށުން އާދައިގެ އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ވަކިން އެނގޭނެހެން، އިލެކްޓްރީކް އުޅަނދުތަކުގައި ބޭނުންކުރަން ޖެހޭނީ ފެހި ކުލައިގެ ނަމްބަރު ބޯޑު ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އަމިއްލަ އިލެކްޓްރިކް އުޅަނދުތަކުގެ ބޯޑު ހުންނާނީ ފެހި ކުލައިގެ ބެކްގްރައުންޑެއްގައި ހުދު ކުލައިގެ އަކުރުން ކަމަށްވާއިރު ބޯޑުގެ ބޭރުން ހުދު ކުލައިގެ ބޯޑަރެއްވެސް ހުންނާނެ އެވެ. އަދި އިލެކްޓްރިކް ޓެކްސީތަކުގެ ބޯޑު ގައި ފެހި ކުލައިގެ ބެކްގްރައުންޑެއްގައި ރީނދޫ ކުލައިގެ އަކުރު ހުންނައިރު ބޯޑުގެ ބޭރުން ރީނދޫ ކުލައިގެ ބޯޑަރެއްވެސް ހުންނަކަން ފޮޓޯތަކުން ފާހަގަކުރެވެއެވެ.




