ފިތުރު އީދު ބަންދު ދުވަސްތަކަށްފަހު ރަސްމީ ކޮށް އޮފީސްތައް ހުޅުވޭނީ 23 ވާ ހޯމަ ދުވަހު ކަމަށް ރައީސް އޮފީހުން ރޭ ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއް ގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސަވާފައި ވުމާއެކު، މި ފެށޭ ހަފުތާގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރަމަޟާން މަހުގެ ފަހު 10 ވެސް ވަނީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ކަނޑައަޅާފަކަން ފާހަގަކުރެވެއެވެ. ވުމާއިއެކު ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުކޮށްފައިވެއެވެ.
މިގޮތަށް ހަމަޖެއްސީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސް ތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށްވެސް ރައީސް އޮފީހުން އޭރުވަނީ އަންގާފައެވެ.





