ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓް ދޭއަކުން ފެށިގެން ފަސް ވަނަ ސެގްމެންޓާއި ހަމައަށްވާ ސަރަހައްދުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓް ދެއަކުން ފެށިގެން ފަސް ވަނަ ސެންމެންޓާއި ހަމައަށްވާ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މިރޭ ދަންވަރު 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދު ކުރެވޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މި ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތައް، މި ރޭ 00:00 ގެ ކުރިން ނެގުމަށްވެސް އަންގާފައެވެ.
މަގު ޗާޓަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ޗާންދަނީމަގު އިންވާ ހިސާބުން ބޮޑުތަކުރުފާނުމަގުގެ މަހެލި ގޯޅި (ނަސަންދުރައާއި ހަމައަށް) އަމީރު އަހުމަދު މަގާއި ހަމައަށް ބަންދުކުރުމަށް ހަމަޖެހިފައިވާއިރު ބޮޑުތަކުރުފާނުމަގުގެ ކުރަންގި ގޯޅިވެސް އަމީރު އަހުމަދު މަގާއި ހަމައަށް ބަންދު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފިނިހިޔާ ގޯޅި، ނާދީ ގޯޅި، ލޮޓަސް ގޯޅި، ޝަހީދު މުހައްމަދު ހުސައިން ހިނގުން، ޝަހީދު އަބްދުﷲ ޒާހިރު ހިނގުން އަދި ޖުމްހޫރީ ހިނގުންވެސް އަމީރު އަހުމަދު މަގާއި ހަމައަށްވެސް ބަންދުކުރާނެކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެމްޓީސީސީއިން ބުނީ މާލެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ފަސޭހަ ވާނެހެން ފަރުމާކުރެވިފައިވާ މި މަޝްރޫއުގެ ސަބަބުން، ދަތުރު ފަތުރުގެ ނިޒާމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށްވާއިރު ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުން ހިމެނެއެވެ.
މީގެ އިތުރުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރެވެ އެވެ.
ހަމައެހެންމެ ތާރު އަޅުމާއި ސަބްބޭސް ތައްޔާރު ކުރުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމެއްވެސް ގާއިމު ކުރެވިގެންދާނެކަން ފާހަގަކުރެވެއެވެ.




