ކުލަގަދަ ރަސްމިއްޔާތަކާއިއެކު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފަށައިފިއެވެ.
ރާއްޖޭގައި 4 އަހަރަށް ފަހު ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ. މި މުބާރާތުގައި ސާފްގެ ހަތް ގައުމުން ވާދަކުރާއިރު މުބާރާތް ހުޅުވާ މެޗުގައި ރާއްޖޭގެ ޒުވާން ޓީމުން ލަންކާ އާއި ދެކޮޅަށް މެޗެއް ކުޅެފައިވެއެވެ.
މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ފެނިގެންދިޔައެވެ.
މި މެޗުގައި ލަންކާއިން ކުރި ހޯދީ ދިވެހިރާއްޖެއާ ވާދަކޮށް ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންކަން ފާހަގަކުރެވެއެވެ. އަދި މެޗުގައި ލަންކާއިން ލީޑު ނެގީ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުންނެވެ. ޕެނަލްޓީގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ލަންކާ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ކަތީމެވެ.
ނައިބު ރައީސްގެ އަރިހުގައި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކެއްޓްރީ އާއި އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ އަހުމަދު ޒަރީރު ބައިވެރިވެ ވަޑައިގެންފައިވެއެވެ.




