ކައްކަން ބޭނުންކުރާ ގޭހުގެ އިތުރު ޝިޕްމެންޓެއް ރާއްޖެ އައިސްފައިވާ ކަމަށާއި، މޯލްޑިވް ގޭސްއިން، 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއްޔެ ބުނެފިއެވެ.
އެސްޓީއޯއިން ބުނީ ގޭސް ލިބުމުގައި ދިމާތި ދަތިތައް މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، މިދިޔަ ހަފުތާގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން މޯލްޑިވްސް ގޭހުން ގޭސް ވިއްކުން މަދުކޮށް، 10 ކިލޯގެ ފުޅީގެ ބަދަލުގައި 5 ކިލޯގެ ފުޅި ޑިސްކައުންޓް ރޭޓެއްގައި ވިއްކާފައިވީ ނަމަވެސް އައު ޝިޕްމަންޓް ލިބުމާއެކު މިހާރު ކުރިއެކޭ އެއްފަދައިން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ގޭހުގެ އަގަށާއި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މީގެ ސަބަބުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް ހެޔޮ އަގުގައި މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދެމުންކަން ފާހަގަކުރެވެއެވެ.
ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރައަށް އައިސްފައިވާ ކުއްލި ލޮޅުމުގެ އަސަރާއިއެކު ރާއްޖެއަށް ތެޔޮ ފޯރުކޮށް ދިނުމުގައި ސަރުކާރުން އެކުލަވާލާފައިވާ ހަރުދަނާ ސިޔާސަތުތަކާއިއެކު މި ވަގުތު ދިވެހިރާއްޖެއަށް ތެޔޮ ލިބުމުގައިވެސް އެއްވެސް ދަތިކަމެއް ނެތް ކަމަށް އެސްޓީއޯ އިން މީގެ ކުރިން ބުނެފައިވެއެވެ.





