މާލެ ޓެކްސީ ލައިނަށް ބޭނުންވާ އިލެކްޓްރިކް އުޅަނދުތައް ރާއްޖެ ގެންނަން ފަށައިފި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މި އުޅަނދުތައް ހުޅުމާލެ ޕޯޓުން ނެރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވަޒީރު މުހައްމަދު އަމީން އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔާޑް) އަހުމަދު ސައުދީ އެ ސަރަހައްދަށް ވަޑައިގެންފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.
އެމްޓީސީސީން ބުނީ އާންމުން ބޭނުންވެފައިވާ މިފަދަ މުހިންމު ދަތުރުފަތުރުގެ ހިދުމަތެއް ތައާރަފްކުރެވޭތީ ފަހުރުވެރިވާ ކަމަށެވެ. އަދި މި ހިދުމަތަކީ ރައްކާތެރި، އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކަށް ހެދުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން މިފަހަރު 60 ކާރު ގެނެސްފައިވެއެވެ. އަދި ދެވަނަ ބުރުގައި 90 ކާރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ ބުރުގައި 150 ކާރު ގެނެސް ޓެކްސީގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު 90 ކާރު ހިމެނޭ ދެވަނަ ޝިޕްމަންޓް މި މަހުގެ 28 ވަނަ ދުވަހު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ އަމިއްލަ އިލެކްޓްރިކް އުޅަނދުތަކުގެ ބޯޑު ހުންނާނީ ފެހި ކުލައިގެ ބެކްގްރައުންޑެއްގައި ހުދު ކުލައިގެ އަކުރުން ކަމަށާއި، ބޯޑުގެ ބޭރުން ހުދު ކުލައިގެ ބޯޑަރެއްވެސް ހުންނާނެ ކަމަށެވެ. އަދި އިލެކްޓްރިކް ޓެކްސީތަކުގެ ބޯޑުގައި ފެހި ކުލައިގެ ބެކްގްރައުންޑެއްގައި ރީނދޫ ކުލައިގެ އަކުރު ހުންނައިރު ބޯޑުގެ ބޭރުން ރީނދޫ ކުލައިގެ ބޯޑަރެއްވެސް ހުންނާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.




