ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަވަށްޓެރި ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށްޓަކައި ބޭނުންވާ ލައިސަންސަށް މިހާރު އެދިފައިވާނެ ކަމަށް އެބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 42 ބްރާންޗާއި، 267 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފޯރުކޮށްދެމުންދާ ބީއެމްއެލްއިން، ރާއްޖޭން ބޭރަށް ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސްރީލަންކާގައި ބްރާންޗެއް ހުޅުވުމުގެ ހުއްދައަށް އެދި މިހާރު އެ ގައުމުގެ މަރުކަޒީ ބޭންކަށް ހުށަހަޅާފައި ވީނަމަވެސް، ބޭރު ގައުމެއްގައި ބޭންކުގެ ބްރާންޗެއް ހުޅުވުމުގައި ގިނަ ކަންތައްތަކަކަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ރައުސްމާލުގައި މިހާރު 16 ބިލިއަން ރުފިޔާ ހުރި ނަމަވެސް، ރާއްޖޭން ބޭރުގައި ގޯތިތައް ހުޅުވުމަށްޓަކައި އެ އަދަދު އިތުރަށް މަތިކުރަން ޖެހޭކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ބޭރު ގައުމުތަކުގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ރައުސްމާލުގެ މިންގަނޑުތައް ހުންނަނީ ވަރަށް މަތީގައި ކަމަށެވެ.
”ބައެއް ފަހަރު ރެޕް އޮފީހެއް (ލިއޭޒަން އޮފީހެއް) ކަހަލަ ތަނެއް ހުޅުވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ލައިސަންސަށް މި އެދުނީ ލަންކާގައި ބްރާންޗެއް ހުޅުވޭނެ ކަމުގެ އިތުބާރު އޮތުމުން. އެކަމާ ގުޅޭ ޕްރޮޕޯސަލްތައް މިހާރު ވަނީ ހުށަހަޅާފައި،“ ޝަރީފް ވިދާޅުވިއެވެ.




