މެދުއިރުމަތީ ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ގަތަރު، ބަހްރެއިން، ކުވެއިތު، އޮމާން އަދި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ވަކިފަރާތަކަށް ބެލުމެއްނެތް ހަމަލާތައް ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ބޭއްވުނު އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހަލީޖީ ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން އިތުރުވަމުންދާތީ އެކަމާ މެދު ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ހަމައެހެންމެ މި ސަރަހައްދުގައި މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ އަދި އިގްތިސާދީ ނުރައްކާތަކާ މެދު ރާއްޖެއިން ކަންބޮޑުވުން ފާޅުކުރާ ހިނދު، އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާއިރު ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި އަމާންކަން ގާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބާރުއަޅައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ހާރިޖީ ވުޒާރާއިން ބުނީ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ކުއްލި ބަހުސްގެ ތެރެއިން ހުށަހެޅުނު ”ބަހްރެއިން، ކުވެއިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް އަދި އުރުދުންއަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް ކުރާ އަސަރުތައް“ މި ގަރާރުގައި ރާއްޖެއިން ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށެވެ.





