ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގައި ހާލުގައި ޖެހިފަިއވާ ޣައްޒާގެ ރައްޔިތުންނަށް ކާބޯ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ޒަކާތު ހައުސްއިން ބުނީ މި ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯ ތަކެތި ޕެކް ބަހާފައިވާ ކަމަށާއި، މި ޕެކްގައި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ހިމަނާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހަނޑޫ، ކައްކާ ތެޔޮ، އަދި ކާތަކެތި ތައްޔާރު ކުރާ ތަފާތު ބާވަތްތަކުގެ ދަޅު ހިމެނޭ ކަމަށްވެސް ޒަކާތު ހައުސް އާއި އިސްރާ އެސޯސިއޭޝަން އިން ބުނެފައިވެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ޒަކާތު ހައުސްއިން އިސްރާ އެސޯސިއޭޝަނާ ހަވާލު ކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މި އަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި 15،009،749 ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެ އެވެ. އަދި ފާއިތުވި ތިން އަހަރާއި އަޅާ ބަލާއިރު މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ގިނަ ކަން ޒަކާތް ހައުސް އިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.




