މާލެ ޓެކްސީއަކީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މާލެ ޓެކްސީ އާއި ބެހޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދޭ މާލޭ ޓެކްސީގެ ހިދުމަތަކީ ބަރޯސާ ވެވޭ، އިތުބާރާއި ޔަގީންކަން އޮންނަ ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ.
ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއިއެވެ.
އެމްޓީސީސީއިން ބުނީ މި އުޅަނދުތައް ހުޅުމާލެ ޕޯޓުން ނެރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އާންމުން ބޭނުންވެފައިވާ މިފަދަ މުހިންމު ދަތުރުފަތުރުގެ ހިދުމަތެއް ތައާރަފްކުރެވޭތީ ފަހުރުވެރިވާ ކަމަށާއި، މި ހިދުމަތަކީ ރައްކާތެރި، އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކަށް ހެދުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން މިފަހަރު 60 ކާރު ގެނެސްފައިވެއެވެ. އަދި ދެވަނަ ބުރުގައި 90 ކާރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ ބުރުގައި 150 ކާރު ގެނެސް ޓެކްސީގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު 90 ކާރު ހިމެނޭ ދެވަނަ ޝިޕްމަންޓް މި މަހުގެ 28 ވަނަ ދުވަހު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ އަމިއްލަ އިލެކްޓްރިކް އުޅަނދުތަކުގެ ބޯޑު ހުންނާނީ ފެހި ކުލައިގެ ބެކްގްރައުންޑެއްގައި ހުދު ކުލައިގެ އަކުރުން ކަމަށާއި، ބޯޑުގެ ބޭރުން ހުދު ކުލައިގެ ބޯޑަރެއްވެސް ހުންނާނެ ކަމަށެވެ. އަދި އިލެކްޓްރިކް ޓެކްސީތަކުގެ ބޯޑުގައި ފެހި ކުލައިގެ ބެކްގްރައުންޑެއްގައި ރީނދޫ ކުލައިގެ އަކުރު ހުންނައިރު ބޯޑުގެ ބޭރުން ރީނދޫ ކުލައިގެ ބޯޑަރެއްވެސް ހުންނާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.




