ހއ. ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
މި ތަން ހުޅުވައިދެއްވީ ސިއްހީ ކަންތައްތަކާއިބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމާއި، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްހީ ވަޒީރު ވިދާޅުވީ މިކަމަކީ ތަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލިބޭ ލުއިފަސޭހަކަމެއް ކަމަށެވެ. އަދި މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅު ވާނެކަމެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުދި އާބަދީގެ ރަށްތަކަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެހެން ހިދުމަތްތަކޭ އެއްގޮތައް ސިއްހީ ހިދުމަތްވެސް ފުޅާކުރަމުންދާ ކަމަށެވެ. ހަމައެހެެންމެ އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށްވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މި މަރުކަޒަކީ 8 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށްވާއިރު މި ތަނުގައި 6 އެނދުގެ ވޯޑެއް ހިމެނެއެވެ. އަދި ލެބޯޓަރީގެ ހިދުމަތްވެސް ގާއިމުކޮށްފައިވާއިރު އަލަށް އިތުރުކުރެވުނު ބައިގައި އޮފީސް ބަޔަކާއި ޕަބްލިކް ހެލްތު ރޫމްއަކާއި ސްޓޯރޫމަކާއި މީޓިން ރޫމެއްވެސް ވަނީ ގާއިމްކޮށްފައިކަން ފާހަގަކުރެވެއެވެ.
މި ރަސްމިއްޔާތުގައި ސިއްހީ ވަޒީރާއި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ސައީދުގެ އިތުރުން ސިއްހީ ވުޒާރާގެ އިސްވެރިންނާއި، ތުރާކުނު ކައުންސިލްގެ އިސްވެރިންނާއި ސިއްހީ މަރުކަޒުގެ އިސްވެރިންވެސް ބައިވެރިވެލައްވާފައިވެއެވެ.





