މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުމްލަ 1،488،005 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިން ނެވެ. ޗައިނާއިން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 294،099 އަށް އަރާފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ރަޝިޔާއިންނެވެ. ރަޝިޔއާއިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 227،084 ފަތުރުވެރިން ކަމަށްވާއިރު ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 118،926 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން ހަތަރު ވަނައިގައި އޮތް ޖަރުމަނުވިލާތުން 97،566 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ފަސްވަނާގައި މިވަނީ އިޓަލީ ވިލާތެވެ. އެގައުމުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 97،566 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5511 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 1،142،227 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 35،613 ގައެވެ.
ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 341،488 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 29،396 އަށް އަރާފައިވެއެވެ.



