ކީރިތި ޤުރުއާން އުނގަންނައިދިނުމަކީ، އީމާންތެރިކަން އާލާކޮށް، އިސްލާމީ ރިވެތި އުސޫލުތައް އަށަގަންނުވައި، އަންނަން އޮތް ޖީލުތަކަށް އިލާހީ ހިދާޔަތުގެ މަގު ދައްކައިދިނުމަށް އޮތް ވަރަށް މަތިވެރި އަމާނާތެއްއިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި، ޤުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން ޑިގްރީ އަދި ޑިޕްލޮމާ ހާސިލުކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެން ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މިއީ އިލްމު އުނގެނުމާއި، މާތްﷲގެ ފޮތަށް ޚިދުމަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި ބޭއްވުނު މާނަ ފުން ރަސްމިއްޔާތެއް ކަމަށެވެ.
”މި މުހިންމު ކާމިޔާބީ ހާސިލުކުރި ހުރިހާ ދަސްވެނިންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ރައްދުކުރަމެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށާއި، އެ ތަނުގެ މުދައްރިސުންނަށް އަދި މި އިލްމީ ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަަމެވެ. މާތްﷲ ދަސްވެނިންނަށް ފައިދާހުރި އިލްމާއި، ހިކުމަތާއި، އިޚްލާޞްތެރިކަން މިންވަރުކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހިދާޔަތާއި ނަމޫނާ ދައްކައިދޭ ބަޔަކު ކަމުގައި އެ ފަރާތްތައް ލައްވައި، ކީރިތި ޤުރުއާނަށް އެ ކުރައްވާ ޚިދުމަތަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެ ފަރާތްތަކަށް ދާއިމީ ދަރުމަޔާއި ސަވާބު ލިބިދޭނެ ކަމެއް ކަމުގައި ލައްވާށިއެވެ. އާމީން.“ ވަޒީރު ވިދާޅުވިއެވެ.



