މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ”ސްމާޓް ޑްރޯ“ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ސޮފްޓްވެއާއަކީ މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން ބޭނުންކުރަން ފެށުނު ސޮފްޓްވެއާއެއް ކަމަށެވެ. އަދި މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ކަމަށާއި، ”ސްމާޓް ޑްރޯ“ އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒާ-ފްރެންޑްލީ ސޮފްޓްވެއާއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ހަމައެހެންމެ މި ސޮފްޓްވެއާގައި އިންޓާސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވާއިރު، އެކި ބާވަތުގެ އުޅަނދު ފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގު ބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައްވެސް ހިމެނޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތުވެސް މި ސޮފްޓްވެއާ އިން ލިބިގެންދާނެ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
”މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.“ ފުލުހުން ބުންޏެވެ.



