ނަފުސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ބަހާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދާ އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ ދަތުރުކުުމުންދަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ރާއްޖެއެއް ބިނާކުރުމުގެ އަމާޒަށް ކަމަށެވެ.
ނަފުސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ބަހާއެއްކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ ވަކިން ޚާއްސަކޮށް އިސްރަށްވެހިންގެ ނަފުސާނީ އުފާވެރިކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށާއި، އިސްރަށްވެހިންނަކީ ޤައުމުގެ އެންމެ ޢިއްޒަތްތެރި އަދި ގަދަރުކުރެވޭ ފަރާތްތަައް ކަމަށެވެ. އަދި އެއީ ޤައުމު މި ހިސާބަށް ގެނައުމުގެ އެންމެ ބޮޑު ގުރުބާނީއެއްވެ ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ބިނާކޮށް ޚިދުމަތުގެ މައިދާނަށް ހަދިޔާކުރި ފަރާތްތައްކަމަށްވެސް އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
އެކަމަނާ ވިދާޅުވީ އިސްރަށްވެހިންނަކީ ޤައުމުގެ ހަރުދަނާ ތަނބުތައް ކަމަށެވެ. އަދި އެފަރަތާތްކަށް ކަމޭހިތުމަކީ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ އިސްރަށްވެހިންގެ ރައްކާތެރިކަމާބެހޭ ހުރިހާ ދާއިރާއަކަށް މުސްލިމުން ޚާއްސަ ފަރުވާއެއް ބަހައްޓަންޖެހޭ ކަމަށެވެ.
”ޚާއްސަކޮށް، އެ ފަރާތްތަކުގެ ނަފުސާނީ، ޖިސްމާނީ އަދި އިޖުމާޢީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނުތުންވުން ލިބިފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ދިވެހިރާއްޖެއެއް. އިރާދާކުރެއްވީތީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ މިއަމާޒަށް. ވަކި ޚާއްސަކޮށް އިސްރަށްވެހިންގެ މަރުކަޒުތައް މި ފާއިތުވި ދެތިން އަހަރު ތެރޭގައި މިދަނީ ހުޅުވެމުން. އެ މަރުކަޒުތަކުގައި މިހާރުވެސް އަގުހުރި އެތައް ހަރަކާތްތަކެއް އެބަ ހިންގޭ.“ ސާޖިދާ ވިދާޅުވިއެވެ.



