އިއްޔެގެ ނިޔަލަށް ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 295،537 އަރައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޖުމްލަ 1،847،318 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު. މިދިޔަ އަހަރު ނިމުންއިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 2،046،615ގައެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓަށް ބަލާއިރު އެއްވަނާގައި މިވަނީ ޗައިނާއެެވެ.
- ޗައިނާ: 295،537 ފަތުރުވެރިން
- ރަޝިއާ: 232،020 ފަތުރުވެރިން
- އިނގިރޭސިވިލާތް: 163،426 ފަތުރުވެރިން
- ޖަރުމަނުވިލާތް: 136،482 ފަތުރުވެރިން
- އިޓަލީވިލާތް: 121،437 ފަތުރުވެރިން
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6795 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރާކަން ތަފާސްހިސާބުތަކުން ދައްކާއިރު ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 1،363،693 އަށް އަރާފައެވެ. އަދި ހޮޓެލްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު 47،437 އަރާފައިވާއިރު ގެސްޓުހައުސް ތަކުގައި 396،278 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 38،312 އަށް އަރާފައިވާއިރު، އެހެނިހެން ތަންތަނުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 1598 ފަތުރުވެރިންކަން ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އެރުމާއިއެކު ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ 2 ލައްކައެއްހާ ފަތުރުވެރިންކަން ފާހަގަކުރެވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.





