ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ހިދުމަތް ލިބެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އައްޑޫ ހައި ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުން ދިރިއުޅޭ ކޮންމެ ތަނެއްގައި ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މި ވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ފާހަގަކުރައްވާ ރައީސް ވަނީ އެކަންކަމަށް އަވަސް ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ދެއްވާފައެވެ. ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމާ ސީދާ ގޮތުން ގުޅިފައިވާ މަޝްރޫއުތަކުގެ އިތުރުންވެސް، ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްވަނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ކަރަންޓުގެ މައްސަލަ ވަށާޖެހޭ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އެގޮތުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެ ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.
އިންފްރާސްޓްރަކްޗާ ނުވަތަ މަގު ހެދުމުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމުގެ ސަބަބުން އިގްތިސާދަށްވެސް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މަގުތައް ހެދުމަކީ ވުނޭރުންނާއި އާންމު ރައްޔިތުންނަށްވެސް ކޮންމެހެން ބޭނުން ކުރިއެރުމެއް ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް، ސިޓީގެ ހުރިހާ މަގުތަކެއްވެސް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން މާލެ އަށް ދިރިއުޅުން ބަދަލުކުރާ އެންމެ ބޮޑު އެއް ސަބަަބަކީ ވަޒީފާގެ ފުރުސަތު ނެތުމުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫ ސިޓީއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ވަކީން ހާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ގެންދަވާން ހަމަޖެހުނު މަޝްރޫއުތަކާއެކު، ދާދި އަވަހަށް ވަޒީފާތައް އުފެދި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.





