އަހަރުތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް، މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އައްޑޫ ހައި ސްކޫލުގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް، ފަދައިން ހަންކެޑެ މަޝްއުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫއެއް މާލަހެއް ނުވެ ފެށިގެންދާނެ ކަމަށެވެ. ހަމައެހެންމެ އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދަވާ އައްސޭރި ޓުއަރިޒަމް މަޝްރޫއުގެ ތެރެއިންވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަންވެސް ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ތަރައްގީގެ 19 މަޝްރޫއެއްގައި ރޭ ސޮއިކުރައްވާފައިވާއިރު، އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް މި ދަތުރުފުޅުގެ ތެރެއިން ފައްޓަވާދެއްވާފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން ސޮއިކުރެއްވި ކޮންމެ މަޝްރޫއަކާއި، އަމަލީ ގޮތުން މަސައްކަތް ފެށުނު ކޮންމެ މަޝްރޫއެއްވެސް ފުރިހަމަކަމާއެކު ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާއިރު މިއިން ކޮންމެ މަޝްރޫއަކީވެސް މުހިންމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫއުތަކެއްކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތަކާއި ރިޔާސީ ވައުދުފުޅު ތަކުގައި ހިމެނޭ ކަންކަމުގެ އިތުރުންވެސް ކަންކަން ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ހުރިހާ ކަމެއްވެސް މި މޭރުމުން ކުރެވެމުން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ. އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރުއަދާކުރައްވަމުން އެމަނިކުފާނަށް ރައްޔިތުން ކުރައްވާ އިތުބާރާއެކު، އިހްލާސްތެރިކަމާއި، އަމާނާތްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވެއެވެ.
މިހާ ކުރު މުއްދަތެއްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް މުއިއްޒު ދަތުރުކުރެއްވި ކަމީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ލޯތްބާއި އަޅާލުމުގެ ފުރިހަމަ މިސާލެކެވެ.





