ފިލިޕިންސްއަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ އިތުރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 114 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި ”ކަލްމެގީ“ ނަމަކަށް ކިޔާ މި ތޫފާނުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ސޭބޫ ސިޓީ ވަނީ އެއްކޮށްހެން ފެންބޮޑުވެފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޮފިޝަނުން ބުނީ ގިނަ މީހުން މަރުވެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ގެނބިގެން ކަމަށެވެ.
އެސަރަހައްދުން 71 މީހުން މަރުވެފައިވާއިރު 127 މީހުން ގެއްލި، 82 މީހުންނަށް ބޮޑެތި އަނިޔާތަކެއްވެސް ލިބިފައިވެ އެވެ. މި ތޫފާނު ފިލިޕިންސް ފަހަނައަޅާ ވިއެޓްނާމް އާއި ދިމާއަށް ދަތުރުކޮށްފައިވާއިރު ތޫފާނުގެ އަސަރު އިހުނަށްވުރެ ގަދަވާނެ ކަމަށް އެ ގައުމުގެ މޫސުމާއިބެހޭ އިދާރާއިން ލަފާ ކޮށްފައިވެއެވެ.
ފިލިޕިންސްއަށް ކަލްމެގީ ތޫފާނު އަރާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ގެއެއް ބިމާއި ހަމަވެފައިވާއިރު އެންމެ ބޯކޮށް ވާރޭވެހުނު ސޭބޫ ސަރަހައްދުން 200،000 މީހުން އެސަރަހައްދު ދޫކޮށް ގޮސްފައިވެއެވެ. އަދި އެ ސަރަހައްދުން ކަރަންޓު ކެނޑި، ގެއްލުން ލިބުނު ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި ހަ މީހަކުވެސް މަރުވެފައިވެއެވެ.
ފިލިޕިންސްއަކީ މިފަދަ ގުދުރަތީ ގިނަ ހާދިސާތަކެއް ހިނގާ ގައުމެކެވެ. ވޭތުވެދިޔަ ތިން މަހަށް ބަލާއިރު މި ފަދަ ހާދިސާ ތަކުގައި ގެދޮރު ގެއްލި މަރުވެފައިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.





