ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރކަމާ އެކު، ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ނުވަތަ ”ވަރަ އެކްސްޕޯ 2025“ ހުޅުމާލޭގައި އިއްޔެ ފަށައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދާ މި އެކްސްޕޯއަކީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް މިނިސްޓްރީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެވެ. މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 10:00 ޖެހުމާއި ހަމައަށެވެ.
މި އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ވަޒީފާ އާއި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދިނުމާއި ދިވެހި ޒުވާނުން ބާރުވެރިކުރުން ކަމަށް ބީއެމްލުން ބުންޏެވެ.
މި އެކްސްޕޯގެ މެއިން ސްޕޮންސަ ބީއެމްއެލް އިން ވަނީ އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން ”އިންޓަރެކްޓިވް“ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއްވެސް ބަހައްޓައިފަ އެވެ. ބީއެމްއެލް އިން ބުނީ މި ސްޓޯލުން ބޭންކުގެ އިންޓާން ޝިޕް ޕްރޮގްރާމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެވިގެންދާނެ ކަމަށެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއާ ގައިޑެންސާއި ޖޮބް ކޯޗިން ވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދެއްވާނެ ކަމަށްވެސް އެބޭންކުން މައުލޫމާތު ދިފައިވެއެވެ.
މިއަހަރުގެ އެކްސްޕޯގައި 166 ފަރާތަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.




