ހަށިގަނޑަށް ފައިދާވާ ކާބޯތަކެއްޗާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވަމުންދާއިރު ކާބޯ ތަކެތި ވިއްކާ ތަންތަނުން ސިއްހަތަށް ފައިދާވާ ކާނާ ލިބެން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ “ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމައު“ ކެމްޕެއިން އިފްތިތާހް ކުރުމުގެ ގޮތުން ކ. ގުރައިދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވަމުންދާއިރު، ހަށިގަނޑަށް ގެއްލުންދޭ އަމަލުތަކަށް މަގުފަހިވާ ގޮތަށް މުޖުތަމައުގައި ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންޖެހޭ ކަމަށެވެ. އަދި ހަރަކާތްތެރިކަމާއި ކަސްރަތުގެ މުހިންމުކަމުގެ މައުލޫމާތު ދެމުންދާއިރު، ދުވަހުގެ ތާވަލުން ކަސްރަތަށް ވަގުތު ހުސްކުރެވެންޖެހޭނެ ކަމީ މުހިއްމު ކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއި ކެއިންބުއިމުގެ އާދަކާދަ ބެހެއްޓޭ ގޮތުން، ސިއްހަތަށް ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތްތައް އިތުރުކުރަންޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދަ ރަނގަޅު އާދަތައް ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ ސަލާމަތް ސިއްހަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އިސްލާމްދީން ވެސް ބާރުއަޅުއްވާ ކަމަށެވެ.
ސާޖިދާ ވިދާޅުވީ ހަލާލު ރަނގަޅު ތަކެތި ކައިބޮއި އުޅުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވާއިރު ފުރިހަމަ މުސްލިމެއްގެ ދިރިއުޅުން ބިނާވެފައި އޮންނާނީ ހަރަކާތްތެރިކަމުގެ މައްޗަށް ކަމަށެވެ. އަދި މުސްލިމުންގެ މުރާލި ދިރިއުޅުމާއި ކެއިންބުއިމުގެ ހަރުދަނާ އާދަތަކުގެ ސަބަބުން ދިވެހި ގައުމު ދުޅަހެޔޮ އުފާވެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ސާޖިދާވަނީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކާ، މި ފެށުނު މުހިންމު ގައުމީ ކެމްޕޭނުގައި ހުރިހާ ރައްޔިތުން ހިތާރޫހުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
އިއްޔެ އިފްތިތާހް ކުރި މި ކެމްޕެއިނަކީ އާންމު ސިއްހަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ މަގްސަދުގައި ކުރިއަށްދާ ކެމްޕޭނެކެވެ. ”ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު“ މި ޝިއާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްހޫލުވެ، ދެމެހެއްޓެނިވި އާއްމު ސިއްހަތާ ގުޅޭ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.
މި ރަސްމިއްޔާތުގައި ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމާއި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު އަދި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންފައިވެއެވެ.





