- އިސްތިހާރު -spot_img

އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި، ޓްރޭޑްމާކް ބިލު ތަސްދީގުކުރައްވައިފި

ފަންނުވެރިންގެ މަސައްކަތްތައް ރައްކާތެރިކޮށްދޭ ޓްރޭޑްމާކް ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މިބިލަކީ މިދިޔަ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އަދި މި ބިލުން ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ގާއިމްކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކް ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިދޭ ހައްގުތަކުގެ ދާއިރާ ބަޔާންކުރެވި، ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދީފައިވެއެވެ.

މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭނެ ގާނޫނީ ފިޔަވަޅުތައްވެސް ބިލުގައި ހިމަނާފައިވާއިރު ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ. އަދި މާކް ކައުންޓާފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައިވެސްވެއެވެ.

ރައީސް އޮފީހުން ބުނީ މި ބިލަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް، މި ބިލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ކަމަށެވެ. އަދި ބިލުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް މި ބިލު ތަސްދީގުކުރެއްވުމާއިއެކު މި ބިލު އިއްޔެވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 12 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި