ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިބިލަކީ މިދިޔަ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެއްކަމަށްވާއިރު މި ބިލުން ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާ ކުރާ ފަރާތްތަކެއް ކަން ކަށަވަރުކުރެވި، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ގާނޫނުގައި ކަނޑައެޅިފައިވާ ބިލެކެވެ.
މީގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރެވި، ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ވަގުތީ ގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައް މިއިސްލާހުގައި ބަޔާންކުރެވިފައިވެއެވެ. އަދި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް މުރާޖައާކުރުމުގެ އިތުރުން، ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ބިލު އިސްލާހު ކުރުމާއިއެކު ގެނެވިގެންދާނެއެވެ.
ރައީސް މި ބިލް ތަސްދީގުކުރެއްވުމާއެކު މި ބިލު ގާނޫނަކަށްވެ މިހާރު އަމަލުކުރަން ފަށައިފަވާކަން ފާހަގަކުރެވެއެވެ.





