ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް، މިއަދު ޖިލީހުގައި ބަހުސްކުރައްވަމުންނެވެ.
ސަލީމް ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަނަމަވެސް އެކަން ގުޅިފައިވަނީ ރައްޔިތުންނާ ކަމަށެވެ. އަދި ބޭސްފަރުވާ ވިޔަސް، އާސަންދަ ވިޔަސް ކުޑަ ކުރެވޭކަށް ނެތް ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ކުޑަކޮށްފި ނަމަ، ވާނީ ގޯސް ކަމަށާއި ނުދިނަސް ގޯސްވާނޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ އެންމެނަށް ވަޒީފާ ވެސް ލިބެން ޖެހޭކަމަށެވެ. އެފަދަ ނިޒާމުތައް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ. އަދި އެހެންކަމުން ކުއްލިއަކަށް ބައެއް ރައްޔިތުންނަށް ލިބޭ ހިލޭ އިނާޔަތްތައް މެދުކަނޑާ ނުލެވޭނެ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެ ގޮތަށް އެކަން ކުރަން އުޅެފިނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށެވެ.
ސަރުކާރުން ހަރަދު ކުރުމަށް ދެން ކުރަންޖެހޭ ކަމަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭ އެއްވެސް ސަރުކާރަކުން ނުކުރާ ކަން ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް ފަށާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ މުއްސަނދިންނަށް ދެމުން އަންނަ އާސަންދަ އާއި އިނާޔަތްތައްވެސް ދިނުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.





