ތިލަމާލެ ބުރިޖުގެ މަސައްކަތްތަކުގެ ތެރެއިން 66.26 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ތިލަމާލެ ބުރިޖާއި ބެހޭ ގޮތުން ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދިން އިންޓާވިއުއެއްގައި އެ ވުޒާރާއިން ބުނީ ބްރިޖްގެ މައި މަސައްކަތެއްގެ ގޮތުގައި މިހާރު ކުރަމުންދަނީ މާލެ އާއި ވިލިމާލެ އާއި ދެމެދު ތަނބުތައް ގުޅާލުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫއުގެ ތިން ރަށް ގުޅާލާ ތަނބުތައް ޖެހުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި ތަނބުތަކުގެ މަތީ ސްޓްރަކްޗާގެ %98 މަސައްކަތްވެސް ނިމިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
އެ ވުޒާރާއިން ބުނީ މި މަޝްރޫއުގައި ތަނބުތަކުގެ މަސައްކަތައް 263 ހޮޅި ފައްތާ ނިމިފައިވާ ކަމަށެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތްތަކަށް ބަލާއިރު ވިލިމާލެ އާއި މާލެ އާއި ދެމެދު ތަނބުތައް ގުޅާލުމަށް މިހާތަނަށް 437 ކާސްޓް ސެގްމަންޓް ގުޅާލާ، މިހާރު ކުރަމުންދާ މަސައްކަތަކީ ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓް ކުރުމުގެ މަސައްކަތް ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.
އެގޮތުން ބްރިޖް ތަނބުތައް ގުޅާލުމަށް ޑެކުގައި އަޅާ 1222 ސެގްމަންޓްގެ ތެރެއިން 912 ސެގްމަންޓް ކާސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރެވެއެވެ. އަދި ބްރިޖާއި ގުޅިގެންދާ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ ގުޅިފަޅުން ބްރިޖް ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް މިހާރު ސައިޓުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެ ސަރަޙައްދުގެ އެއްގަމު ތޮށީގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ތިލަމާލެ ބްރިޖު މަޝްރޫއިން ނިމިފައި އޮތީ އެންމެ 29 އިންސައްތަ މަސައްކަތެވެ. ނަމަވެސް މިހާރު ބްރިޖް މަޝްރޫއުގެ މަސައްކަތުގެ 66.26 އިންސައްތަ މަސައްކަތް މިވަނީ ނިމިފައެވެ.





